ގާނޫނު މުގުރާފައި އުޅެން ފުރުސަތެއް ނުދޭނަން: ރައީސް

އަވަސް

19 ސެޕްޓެމްބަރު 2025 | ހުކުރު | 11:00

ގާނޫނު މުގުރާފައި، ގާނޫނާ ހިލާފަށް ކަންކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވ. ފެލިދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓުމަށް ކަމަށެވެ. އެހެންވެ ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނޭކަން ހަނދާންކޮށްދެއްވި އެވެ. "މާތްﷲ ގަންދެއްވާ އަޅުގަނޑު ހުވާ ކުރީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގުމަށް. އެގޮތުގައި އަޅުގަނޑު ކުރިއަށްދާނީ ސާބިތުކަމާއެކު. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ. ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ހިފަހައްޓަން ޖެހޭކަންވެސް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވި އެވެ. ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާނީ ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްގީކޮށް، އެމީހަކަށް ހައްގު އިހްތިރާމާއި އިއްޒަތް އަނެކާއަށްވެސް ހައްގުވާނޭކަން ބަލައިގަނެ، އެގޮތަށް އަމަލުތައް ބެހެއްޓުމުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް އަދި އިންސާނުންނަށް ވީތީވެސް އަޅުގަނޑުމެން ދުރުހެލިވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުންވެސް އަންގަނީ ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށް ކަމަށާއި ސާބިތުނުކުރެވޭ ވާހަކައެއްނަމަ އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ގާނޫނާ ބެހޭގޮތުން ގޮތް ނިންމުމުގައިވެސް މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ބުއްދިން ވިސްނައިގެން ގޮތް ނިންމުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ އިހްތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާނޭ ގޮތުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދިއުން ކަމަށާއި ގައުމުގައި ހަމަނުޖެހުން އިއާދަވާން ބޭނުންނުވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މައުޟޫޢުތަށް