ވ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި
އަވަސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:13
ވ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ވ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ވ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މި މަޝްރޫއުގެ ދަށުން 7،147 އަކަފޫޓުގެ އެކޮމޮޑޭޝަން ބޮލްކްއަކާއި 2،563 އަކަފޫޓުގެ ސާވިސް ސެންޓަރަކާއި، 76,175 އަކަފޫޓުގެ ހެލްތު ސެންޓާ ބްލޮކެއް ހިމެނޭހެން 37 އެނދު އެކުލެވޭ އިމާރާތެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު ކޮނެ ލެވެލްކުރުމާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި ތަށިމުށި ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުން ހިމެނެ އެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 105.36 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.