ކެޔޮދޫ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރު ފަށަނީ
އަވަސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:38
ވ. ކެޔޮދޫ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވ. ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ އެ ރަށުގެ ބިން ހިއްކުމަށް ވެވަޑައިގެންނެވި ވައުދު ހަނދުމަފުޅު އެބަހުރި ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ. "އަޅުގަނޑު މި ރަށުގެ ރައްޔިތުންނަށް ވީ އެންމެ މުހިންމު އެންމެ ބޮޑު ވައުދު އެބައޮތް. އެއްގޮތަކަށްވެސް ހަނދާނެއް ނުނެތޭ. ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވައުދުވިން ބިން ހިއްކުމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ކެޔޮދޫގެ ބިން ހިއްކަންޖެހޭ ކަމަށާއި ރަށުގެ ކުރިއެރުމަށް ޖާގަ އިތުރުވާންޖެހޭ ކަމަށެވެ. ކެޔޮދޫގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށާއި އެ ގޮތުން 12 ހެކްޓަރު ބިން ރަށަށް އިތުރުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.