ކެޔޮދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަވަސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:29

ވ. ކެޔޮދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކެޔޮދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 29.89 މިލިއަން ރުފިޔާއަށް 720 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އާ އިމާރާތް ތަރައްގީ ކުރަނީ 17,180 އަކަފޫޓުގެ ސަރަޙައްދެއްގަ އެވެ. މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި އެއާ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މައުޟޫޢުތަށް