އަބްދުއްރަހީމް، ޕާކިސްތާންގެ ރައީސްއާ ބައްދަލުކުރައްވައިފި

އަވަސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 6:34

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ ވަގުތީ ރައީސް ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. ވަކިން ހާއްސަކޮށް ތައުލީމާއި ސިއްހީ ދާއިރާއާއި ވިޔަފާރީގެ ރޮގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރެއްވި އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ފޯރުކޮށްދޭ އެހީތެރިކަމަށް އަބްދުއްރަހީމް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިމާރާތަކީ ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ސިފަކުރެއްވި އެވެ. ރާއްޖެއާއި ޕާކިސްތާނަކީ ސަގާފީ އަދި ދީނީގޮތުން އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމުކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން މިފަދަ އިސްލާމީ ގައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަމާއި، ތަރައްގީއާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށް ވިދާޅުވި އެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ހުއްޓުމެއް ނެތި ރާއްޖެއިން ފަލަސްތީނަށް ތާއީދު ކުރުންމަތީ ދެމިތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް