ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދަން ނިކުންނަނީ

އަވަސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:00

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް މާދަމާ ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ފ. ނިލަންދޫއަށް މިރޭ ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބޮޑެތި ރަށްރަށަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ. ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާ މައްސަލައެއް ކަމަށެވެ. "އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ދެނެގަނެ އެފަދަ 8،000 އަށް ވުރެ ގިނަ މީހުން ވާނީ ޑީޕޯޓްކޮށްފައި،" ރައީސް ވިދާޅުވި އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީވެސް އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން މީގެ ކުރިން ހައްލުނުކުރެވި، މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. އެކަމަކު މި ސަރުކާރުން މި މައްސަލަތައް ހައްލުކުރައްވާނީ، މޫނަށް ކަނދުރާއަށް ބެލުމެއް ނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ކޯޓުން އިއްވި ހުކުމްތަކަށާއި، ދާދިފަހުން ތަސްދީގު ކުރައްވައި އަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނާ ގުޅިގެން އަންނާނެ ބަދަލުތަކަށްވެސް ރައީސް އިޝާރާތް ކުރެއްވި އެވެ. އަދި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އެ ބިލު ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. "މިފަދަ މައްސަލަތަކުގައި ކުރީގެ ސަރުކާރުތަކުން ފަހަތު ފަޔަށް ބުރަވި ނަމަވެސް އަޅުގަނޑުމެން މި ސަރުކާރުން އެއްވެސް ދުލެއް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް