އެއާޕޯޓާއެކު ނިލަންދޫއަށް ގިނަ މަޝްރޫއުތަކެއް

އަވަސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:00

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނިލަންދޫ ރައްޔިތުންނަށް ރައީސް މިކަމުގެ ޔަގީންކަން ދެއްވީ މިރޭ ނިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ނިލަންދޫ ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ އެންމެ މުހިއްމު އެއް ވައުދަކީ ވައިގެބަނދަރެއް އެރަށުގައި ގާއިމުކޮށްދިނުމެވެ. އެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ނިލަންދޫ އެއާޕޯޓް މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭ ކަމަށެވެ.

ނިލަންދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްކަން ފާހަގަކުރައްވަމުން އެ އަމާޒަށް ވާސިލްވުމަށް ކުރިއަށް ގެންދަން ރާވާފައިވާ އެހެނިހެން މަޝްރޫއުތައްވެސް ރައީސްގެ ވާހަކަފުޅުގައި ހިއްސާކުރެއްވި އެވެ. އެގޮތުން ރަށުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް މާދަމާ މަސައްކަތް ފައްޓަވާނެ ކަމަށާއި، ގިނަވެގެން 24 މަސް ދުވަސް ތެރޭ އެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި އެވެ. މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު މި އަހަރު ތެރޭ ފެނުގެ ވިއުގަ ގާއިމުކުރެވޭނޭ ކަމަށްވެސް ވިދާޅުވި އެވެ. "މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް ބައްލަވާލައްވަމުން ނިލަންދޫގައި ގާއިމުކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ އިންޖިނިއަރިން، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި އަންނަ އަހަރުގެ މާޗް މަސް އަންނަން ވާއިރަށް، ނިލަންދޫވެސް ހިމެނޭހެން އެސްޓީއޯ އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މައުޟޫޢުތަށް