ފ. ނިލަންދޫ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅައިފި
އަވަސް
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:21
ފ. ނިލަންދޫ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
އެ ރަށު ކައުންސިލް އިދާރާގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާޑަމް ޝަރީފު އުމަރު އެވެ. އަރިހުގައި އެ ދާއިރާގެ މެންބަރު ފަތިމަތު ސައުދާ އަދި އެރަށުގެ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެންނެވެ. ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 631 މިލިއަން ރުފިޔާއަށް އާރުސީސީ އާ ހަވާލުކުރީ މި އަހަރުގެ އޮގަސްޓް މަހު އެވެ.