މީޑިއާ ކޮމިޝަން ހިންގަން ވަގުތީ ކޮމިޓީ ނަގައިފި
އަވަސް
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:46
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެންބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ވަގުތީ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެކުލަވާލި ވަގުތީ ކޮމިޓީގައި ފަސް މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ގާނޫނުގައިވާ ގޮތުން ވަގުތީ ކޮމިޓީއަށް ކޮމިޝަންގެ އިދާރީ މަސައްކަތްތައް ކުރެވޭނެ އެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށްދިނުމާމެދު ގޮތެއް ނިންމޭނެ އެވެ. ވަގުތީ ކޮމިޓީއަށް ނުކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަމުން އައި ނުނިމިވާ މައްސަލަތައް ބަލައި އެ މައްސަލަތަކާމެދު ގޮތެއް ނިންމައި ފިޔަވަޅު އެޅުމާއި ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހިމެނެ އެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް މުއިއްޒު ވަނީ އުފައްދަވާފަ އެވެ. ރައްޔިތުން މަޖިލީހުން މީޑިއާ ބިލް ފާސްކޮށް، ރައީސް މި ބިލް ތަސްދީގު ކުރެއްވީ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ފަރުވާއެއް ނުލިބޭ ކަމަށް ބުނެ ނޫސްވެރިން ހުއްޓާނުލައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.