ސަރުކާރު ޖަވާބުދާރީ ކުރަން ޕީއެންއެފްއާއެކު އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ: އިމްރާން

އަވަސް

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:15

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވާފައިވަނިކޮށެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ސަރުކާރު ހަމަމަގުން ކައްސާލާފައިވާ ކަމަށެވެ. "ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެންވެސް ޤަބޫލޫކުރަން،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާނަމަ އެވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. "ރައީސް ޔާމީން ވިދާޅުވި ފަދައިން އެއީ ޕާޓީތަކުގެ ޒިންމާއަކީ. ސިޔާސީ ޕާޓީ އުފައްދާފައި އެޕާޓީތަކަށް މަތިކޮށްފައި އޮތް ޒިންމާއެއް އެބައޮތް. އެޒިންމާ އަދާކުރުމަށް އަދާލަތު ޕާޓީ އެހެންޕާޓީތަކާއި އެކު މަސައްކަތް ކުރުމުގައި ދެމިއޮންނާނެ،" އިމްރާން ވިދާޅުވި އެވެ.

މައުޟޫޢުތަށް