މަގޫދޫ އެއާޕޯޓް އަހަރެއް ތެރޭގައި ނިންމަނީ

އަވަސް

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:00

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެ މަނިކުފާނު މިކަމުގެ ޔަގީންކަން މިއަދު ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. މަގޫދޫ އިޖުތިމާއީ މަރުކަޒުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީހެއް ދިނުމަށް ރައްޔިތުން ވަނީ އެދިފަ އެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި އެއާޕޯޓްގެ މަޝްރޫއު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. މަގޫދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސްހޯލާއި ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ. މީގެ އިތުރުން މަގޫދޫގައި ތަރައްގީ ކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ ކައުންސިލް އިދާރާ އަދި އެރަށު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދު ވަނީ އަޅާފަ އެވެ.

މައުޟޫޢުތަށް