އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު ބައެއް ޑިޖިޓަލައިޒޭޝަނަށް
އަވަސް
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:47
އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް ކަނޑައަޅާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މ. މުލަކު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ހުށަހަޅަނީ 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރު މުޅި ރާއްޖޭގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށް ކަމަށެވެ. "މިއީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކަމަށެވެ. ވިހި އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އެކުލަވާލުމުގައިވެސް ސީދާ ގޮތުންނާއި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް، ރައްޔިތުން ޝާމިލްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. "މި ޕްލޭންގައި އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްގީކަން ކަށަވަރުކުރުމަށް ޓީމްތައް ރަށްރަށަށް ގޮސް، ހިޔާލާއި މަޝްވަރާ ހޯދާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްގީ އެކޮޅުކޮޅުން ޖެހުނަ ނުދިނުން ކަމަށެވެ. އަދި މިކަން ކަށަވަރުކުރުމަށް 20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭނާ ގުޅޭ ގާނޫނެއްވެސް އެކުލަވާލަމުންދާ ކަމަށް ވިދާޅުވި އެވެ. "ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ތަރައްގީ އާއި ހަމަޖެހުން ދިވެހިރާއްޖޭގައި ގާއިމުކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.