ފަސް ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ދެ ކުންފުންޏަކަށް

އަވަސް

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:00

ފަސް ރަށެއްގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ހަވާލުކުރީ ތ. ގުރައިދޫ، ތ. މަޑިފުށި، ތ. ގާދިއްފުށި، އދ. ކުނބުރުދޫ އަދި ފ. ފީއަލީ ސިއްހީ މަރުކަޒުގެ މަސައްކަތްތަކެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ވެމްކޯ އަދި އެމްޓީސީސީ އަށެވެ. ވެމްކޯއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 325 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 32.8 މިލިއަން ރުފިޔާ އަށެވެ. ގާދިއްފުށީގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 12.8 މިލިއަން ރުފިޔާ އަށެވެ. މަޑިފުށީ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ މަރުކަޒުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ 325 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 12.8 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން، އިސްމާއީލް އުބައިދެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އދ. ކުނބުރުދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރު ކުރެވޭ އިމާރާތުގެ މަސައްކަތާ ފީއަލީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ. ކުނބުރުދޫގެ މަޝްރޫއުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 8.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު ފީއަލީގެ މަސައްކަތް ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 21.6 މިލިއަން ރުފިޔާ އަށެވެ. މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މައުޟޫޢުތަށް