އީ-ވޭސްޓް ހެކަތޯން ބޭއްވުމަށް އެމްއެންޔޫއާއެކު ދިރާގު ބައިވެރިވެއްޖެ
އަވަސް
23 ސެޕްޓެމްބަރު 2025 | އަންގާރަ | 9:55
އީ-ވޭސްޓް ހެކަތޯންގެ ބޭއްވުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ދިރާގުން ބައިވެރިވެއްޖެ އެވެ.
މި ހެކަތޯންގެ މަގުސަދަކީ ރާއްޖެއަށް ދިމާވެފައިވާ އީ-ވޭސްޓްގެ މައްސަލަ ހައްލުކުރުމަށް ޒުވާނުން ހޭލުންތެރިކުރުވުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. ހެކަތޯން ކުރިއަށްދާނީ މިމަހުގެ 28 އިން އަންނަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހެކަތޯންގައި ދަރިވަރުންނާއި، އުފެއްދުންތެރި ޒުވާނުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރާނެ އެވެ. މި ހެކަތޯން އަމާޒުކޮށްފައިވަނީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށެވެ. އީ-ވޭސްޓް އަކީ އުކާލެވޭ ކަރަންޓު ނުވަތަ އިލެކްޓްރޯނިކް އާލާތްތަކެވެ. މީގެ ތެރޭގައި އުކާލެވޭ ކޮމްޕިއުޓަރާއި، ފޯނު، ޓީވީ، ފްރިޖު، ބެޓެރީ އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ހިމެނެ އެވެ. އީ-ވޭސްޓްއަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ. އަދި އީ-ވޭސްޓް ހެކަތޯން ގެ މަގްސަދަކީ މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ގެނައުމާއެކު، ޒުވާނުން މި މައްސަލައަށް އާ އަދި އަދި އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބާރުއެޅުމެވެ. "އިނޮވޭޓިން ފޯ އަ ސާކިއުލާ އިކޮނޮމީ: ޓެކްލިންގ ދަ އީ-ވޭސްޓް ކްރައިސިސް" ތީމްގެ ދަށުން ކުރިއަށްގެންދާ މި ހެކަތޯންގައި އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެ ގޮތްގޮތާއި ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރުމަށްފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ ހަވާލުކުރެވޭނެ އެވެ. މި މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ މާހިރުންނާއެކު ވޯކްޝޮޕްތައް ހިންގައި، އެ ފަރާތްތަކުން އިރުޝާދު ފޯރުކޮށްދޭނެ އެވެ. އަދި، މި ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން މި ކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް، ޑިޖިޓަލް އިޖާދުތަކާއި ސަސްޓައިނަބިލިޓީ ކުރިއެރުވުމަށް ހިންގާ މި ފަދަ މުހިންމު ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.