މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

އަވަސް

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 2:43

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

މީޑިއާތަކަށް ދޫކުރާ އެހީއަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިން ހުޅުވާލީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހީ ހޯދަން ހުށަހަޅަންޖެހެނީ މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެކަމާ ގުޅޭ އުސޫލު އާންމުކުރުމަށްފަހު އެވެ. އުސޫލުގައިވާ ގޮތުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާ ކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށްވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެ އެވެ.

މައުޟޫޢުތަށް