ފްލެޓްތަކުގެ ޑައުންޕޭޓަށް ބޮޑު ލުޔެއް
އަވަސް
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:56
ސަރުކާރުން ރަށްރަށުން ހަދާ ހައުސިން ޔުނިޓްތަކާއި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދަށް ބޮޑު ލުޔެއް ދޭން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާންކުރެއްވީ އެމަނިކުފާނު ނިމުނު ހަފްތާ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ރޭ ތ. ތިމަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރަށްރަށުގެ ހައުސިން ޔުނިޓްތަކާއި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ކުރިން ދައްކަމުން އައީ 20،000 ރުފިޔާ އެވެ. ނަމަވެސް އެ އަދަދު 10،000 ރުފިޔާއަށް ކުޑަކުރެއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
ރައީސް ވިދާޅުވީ ޑައުންޕޭޓަން ދައްކަންޖެހޭ އަދަދު ކުޑަކުރީ ހައުސިން ޔުނިޓުތަކުގެ ޑައުންޕޭމަންޓް ބޮޑުކަމަށް ރައްޔިތުން ބުނަމުންދާތީ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން ޔުނިޓްްތަކާއި ފްލެޓްތަކުގެ މަހު ކުއްޔަށް ދައްކަން ޖެހޭ އަދަދު 5،000 ރުފިޔާ އިން 3،333 ރުފިޔާއަށް ކުޑަކޮށް، ޑައުންޕޭމަންޓް 20،000 ރުފިޔާ އިން 10،000 ރުފިޔާާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. "ގްރޭސް ޕީރިއަޑް [ކުލި ދައްކަން ފަށަންޖެހޭ މުއްދަތު] ވެސް ފަށާނީ ގެތަކަށް ވަންނަ ހިސާބުން،" ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދަކީ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ. އެކަމަށްޓަކައި ސަރުކާރުން ގެންދަނީ އެކި ރަށްތަކުގައި ހައުސިން ޔުނިޓްތަކާއި ފްލެޓްތައް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރަމުންނެވެ.