ގަތުލްއާންމަށް އެހީވަނީ ހައްގުތަކަށް ވަކާލާތުކުރާ ގައުމުތަކުން: ހަލީލް
އަވަސް
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:46
ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމަށް ވާގިވެރިވެ އެހީވަމުންދަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ދައުވާކުރާ ގައުމުތަކުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ހަލީލް ވަނީ ގަތުލްއާންމު ނުފެންނަ ކަމަށް ހަދައިގެން ބޮޑެތި ގައުމުތަކުން އެކަމަށް ވާގިވެރިވުމަކީ ގަރުނުގެ އެންމެ ބޮޑު ލަދު ކަމަށް ސިފަކުރައްވާފަ އެވެ. "ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ވާގިދެނީ ބައިނަލްއަޤުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ގައުމުތަކުން. ޤަރުނުގެ އެންމެ ބޮޑު ލަދު،" ވަޒީރު ވިދާޅުވި އެވެ. ފަލަސްތީނުގެ ރައްޔިތުންނާމެދު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތުތަކަށް ހަލީލް ވަނީ ފާޑު ވިދާޅުވެފަ އެވެ. ހަލީލް ވަނީ ބައިނަލްއަގުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިޒްރޭލު ގެނައުމުގައި އދ. އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ގައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.