ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް
އަވަސް
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:09
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެއް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ސައީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން ދޫކޮށްފައިވާތީ އެވެ. ދައުލަތުން ދެކޭ ގޮތުގައި އެއީ ބްލޭޒަންއަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކޮށްފައިވާ އަމަލެކެވެ. މިމައްސަލައިގައި ސައީދު މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މިދައުވާ ވަނީ ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ސޯލިހްގެ މައްޗަށްވެސް އުފުލާފަ އެވެ. އެކަމަކު މިއަދު ދީނާ ދައުވާއާ ގުޅޭ އަޑުއެހުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ދައުލަތުން ކުރި ދައުވާ ސައީދުގެ މައްޗަށް ސާބިތުވުމާ އެކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދަބު މަތިވާ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏަސް ގާޒީއަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރެވޭ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އެހެންވެ ކަމާ ގުޅޭ މާއްދާއަށް ރިއާޔަތްކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށްވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވިދާޅުވި އެވެ. އެހެންވެ ގާޒީ ހުކުމް ކުރެއްވީ ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. ދައުވާގައި އޮތް ގޮތުން ސައީދު އާއި ދީނާގެ އަމަލާ ގުޅިގެން ފެނަކަ ކޯޕަރޭޝަނަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.