އުދައްޔުގެ މަރު: ޝަމީމާއި މާޒިން މެރުމަށް ހުކުމްކޮށްފި

އަވަސް

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:00

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެ އެ މީހުން މެރުމަށް ހުކުމްކޮށްފި އެވެ.

އުދައްޔުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކުރީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދުގެ އިތުރުން އެ ރަށު ގުލްފާމުގެ، މުހައްމަދު މާޒިން އަށެވެ. އުދައްޔުގެ މަރުގެ މައްސަލައިގައި ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމާފަ އެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އަދި މާޒިންގެ މައްޗަށްސް އެ ކުށް ސާބިތުވި އެވެ. އެހެންވެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމު ނިންމެވީ މާރާމާރީގެ މައްސަލައިގައި ޝަރަފް ހަތް އަހަރަށް އަދި މާޒިން 10 އަހަރަށް ޖަލަށްލުމަށެވެެ. ޝަމީމާއި މާޒިން މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އުދައްޔުގެ ވާރިސުންގެ ތެރޭގައި ހިމެނޭ އެންމެންވެސް އެގޮތް ބޭނުންވާ ކަމަށް ޝަރީއަތުގައި ބުނުމުންނެވެ. އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ކުޑަކުއްޖަކު 25 އަހަރަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ހުކުމްކޮށްފައިވެ އެވެ. އުދައްޔު މަރުވީ ގއ. މާމެންދޫގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށެވެ. އުދައްޔުގެ މަރާ ގުޅިގެން ދައުވާ ލިބުނު އެންމެންގެ މައްޗަށް ވެސް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މައުޟޫޢުތަށް