އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދިއްޖެ

އަވަސް

29 ސެޕްޓެމްބަރު 2025 | ހޯމަ | 12:27

ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. މި އެކްސިޑެންޓް ހިނގީ މި އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ. އެކްސިޑެންޓް ހިނގީ ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި މި މައްސަލަ އެ އޮފީހުން އިއްޔެ ބަލައިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. މީނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާ މީހެއް ކަމަށާއި މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް