ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓް ބޮޑުކުރަނީ
އަވަސް
29 ސެޕްޓެމްބަރު 2025 | ހޯމަ | 6:02
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓް ބޮޑުކުރަން ނިންމައިފި އެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެބްރުއަރީ 1، 2026 އިން ފެށިގެން ބީއެމްއެލްގެ ކްރެޑިޓް ކާޑު ލިމިޓް ބޮޑުވާނެ ކަމަށެވެ. "ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ރާއްޖެއިން ބޭރުގައިކުރާ ޑޮލަރުގެ މުއާމަލާތްތަކަށް ނޮވެމްބަރު 11 އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށްވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިހާރު ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ކެނޑެނީ 500 ޑޮލަރެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3,000 ޑޮލަރަށް އެ ތާރީހުން ފެށިގެން އިތުރުވާނެ އެވެ. އަދި ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ރައީސް ވިދާޅުވި އެވެ.