ނަޝީދު އިސްވެ ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސެއް ބާއްވަނީ
އަވަސް
29 ސެޕްޓެމްބަރު 2025 | ހޯމަ | 10:00
ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒް ފައިދާ ނަގައި، ދައުލަތުގެ ހަޒާނާއިން ވައްކަންކުރާ މައްސަލަތަކާ މެދު މަޝްވަރާކުރުމަށް ކޮންފަރެންސެއް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއީ އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކާއި މަގާމުގެ ބޭނުން ނަމަހަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހުލީލު ކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ. ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިން ބައިވެރިވާ މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތަކަށް ނަޒަރު ހިންގައި، ގަނޑަކަށް ތިރިކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ. މި ކޮންފަރަންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނަގާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. ނަޝީދުގެ އޮފީހުން ބުނީ ކޮންފަރެންސުގައި ލިޔެކިޔުން މުތާލިޔާކޮށް، ބަލައި، ގާނޫނީ އިސްލާހުތަކާއި ދެފުށްފެންނަ އިޖުރާއަތުތަކާއި އުސޫލުތައް އަދި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައްވެސް ކުރާނެ ކަމަށެވެ. މި ކޮންފަރެންސާ ގުޅުވައި ނަޝީދު ވިދާޅުވީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އެ ވައްކަމުގައި ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ އަބުރާއި އިންސާފާއި އިއްޒަތް ކަމަށްވެސް ވިދާޅުވި އެވެ. "މި ކޮންފަރަންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް" ނަޝީދާ ހަވާލާދީ އެ އޮފީހުން ބުންޏެވެ. މި ކޮންފަރެންސަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު އަދި ކުރީގެ ފައިނޭންސް މިނިސްޓަރުގެ އަލީ ހާޝިމާއި، ކުރީގެ އިކޮނޮމިކް ޑިވަލޮޕްމަންޓް މިނިސްޓަރު މަހްމޫދު ރާޒީގެ ބައިވެރިވުމާ އެހީތެރިކަން ލިބޭނެ ކަމަށްސްް ބުންޏެވެ. މިއީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުމެއް ކަމަށްވެސް ނަޝީދުގެ އޮފީހުން ބުންޏެވެ. ނަޝީދުގެ އޮފީހުން އިތުރަށް ބުނީ ކޮންފަރަންސް ބާއްވާ ތަނާއި ތާރީޚާއި އެޖެންޑާގެ އިތުރަށް ރަޖިސްޓާކުރާނެ ގޮތުގެ ތަފްސީލް ކުރިއަށް ފަހުން އާންމުކުރާނެ ކަމަށެވެ.