މަސް ގަންނަ އަގު ބޮޑުކުރާނެކަމުގެ ޔަގީންކަން

އަވަސް

29 ސެޕްޓެމްބަރު 2025 | ހޯމަ | 10:15

ސަރުކާރުން މަސްވެރިންގެ އަޑުއަހައި މަސްވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ ކެއުޅުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަކުރެއްވި ތިންވަނަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފަ އެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ. މިބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރި އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް ހިމެނެ އެވެ. މީގެއިތުރުން މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރުމަށް ކެއުޅުން އެދިފައިވެ އެވެ. ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކޮށް ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ކެއުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފަ އެވެ. މީގެކުރިން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް، ކެއުޅުން ހިއްސާކުރި ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަންކަންވެސް ކެއުޅުން މިއަދު ހިއްސާކުރި އެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭ ގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެ ގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ މަސްވެރިންނާއި މަޝްވަރާކޮށްގެން، މަސްވެރިންގެ ހިޔާލާއި އެކުގައި ކަމަށް ވިދާޅުވި އެވެ. އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލްވެސް ރައީސް ވަނީ ކެއުޅުންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. އަދި މިފްކޯއިން ތެޔޮ ވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކެއުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މައުޟޫޢުތަށް