ޤުރުއާން މުބާރާތުން 1 ވަނައަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު
އަވަސް
30 ސެޕްޓެމްބަރު 2025 | އަންގާރަ | 12:24
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތާއެކު ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދޭން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެ ކަމަށް ރައީސް މުއިއްޒު މިދިޔަ އަހަރު ވަނީ އިއުލާނު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތްﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. "މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން މުޅި މުބާރާތުން މި ދެންނެވި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ ކަމަށާއި އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެ ކަމަށެވެ.