ޗައިނާއަކީ އަބަދުވެސް އެއްބާރުލުންދޭ ގައުމެއް: ރައީސް
އަވަސް
30 ސެޕްޓެމްބަރު 2025 | އަންގާރަ | 7:43
ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ހިމެނޭހެން ކުދި ގައުމުތަކުން ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަކަން ކުރިއެރުވުމަށްކުރާ މަސައްކަތްތަކުގައި ޗައިނާއަކީ އަބަދުވެސް އެއްބާރުލުންދޭ ގައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާގެ 79 ވަނަ އަހަރީ ދުވަހާއި އެ ގައުމުގެ "މިޑް އޯޓަމް" ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައ ރައީސް މުއިއްޒު ވިދާޅުވީ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުތައް ހިމާޔަތް ކުރުން ޗައިނާއިން ޗެމްޕިއަންކުރަމުންދާ ކަމަށާއި ހަމަހަމަކަން ގާއިމްކުރުމަށް ރާއްޖެއާއެކު ކުރަމުންގެންދާ މަސައްކަތްތަކަކީ ތަޢުރީފު ޙައްގު މަސައްކަތްތަކެއް ކަމަށެވެ. ޗައިނާގެ ތާރީހަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެއީ ކެތްތެރިކަމާއި ތަސައްވުރާއި، އިންސާނީ ރޫހުގެ ގާބިލު ތާރީހެއް އޮތް ގައުމެއް ކަމަށެވެ. ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގެ މައްޗަށް އޮތް ގުޅުމެއް ނޫން ކަމަށާއި މި ދެ ގައުމުގެ ގުޅުމަކީ ހިއްސާކުރެވޭ ތަޖުރިބާ އާއި ގާތް އެކުވެރިކަމުގެ ސަބަބުން އުފެދުނު އިތުބާރުގެ މައްޗައް ބިނާވެފައިވާ ގުޅުމެއް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ކަންކަމުގެ ތެރޭގައި ސިނަމާލެ ބްރިޖާއި ހައުސިން މަޝްރޫއުތައް ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޗައިނާގެ ފަތުރުވެރިން ރާއްޖެ ހިޔާރު ކުރުމަކީވެސް ދެ ގައުމުގެ ގުޅުމުގެ ރަމްޒެއް ކަމުގައި ރައީސް ވިދާޅުވި އެވެ.