ޕާޓީތަކާއެކު މަސައްކަތްކުރަން އަދާލަތުން ނިންމައިފި

އަވަސް

1 އޮކްޓޯބަރު 2025 | ބުދަ | 8:04

ސަރުކާރު ހަމަމަގަށް އެޅުވުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، ޕާޓީތައް އެކުގައި މަސައްކަތް ފެށުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. ސަރުކާރު ޖަވާބުދާރީކޮށް ހަމަމަަގަށް އަޅުވާ އަދި ޒިންމާދާރު ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް އެކުގައި މަސައްކަތް ފެށުމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީން ނެރުނު ގަރާރުގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުންދާ ގޮތުން ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި މިނިވަންކަން އެކީއެކަށް ގެއްލިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. "ގާނޫނުއަސާސީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ގާނޫނުއަސާސީއާ ހިލާފު ގާނޫނަކުން ކަސްތޮޅު އަޅުވައި ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް އަރައިގަތް މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނީ އިޖުރާއާތުތަކާ ހިލާފަށް މަގާމުން ވަކިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނަގާލައި ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށް މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި ބާރުކަނޑުވާފައި ވާތީ،" ގަރާރުގައި ބުނެފައިވެ އެވެ. އަދާލަތު ޕާޓީން ބުނީ ސަރުކާރުގެ ނާގާބިލުކަމާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހި އިގުތިސާދު ސުނާމީ އާއި ކޮވިޑް-19 އާ ގުޅިގެން ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ބާޒާރުގައި އަސާސީ މުދަލުގެ އަގުތައް އުފުލިފައިވާ ކަމަށާއި ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގުތައް އަތްނުފޯރާ ފަށަށް މައްޗަށް ގޮސްފައިވާ ކަމަށްވެސް އަދާލަތު ޕާޓީން ބުނެފައިވެ އެވެ. ދައުލަތުން އާންމުންގެ އަތުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ގަސްދުގައި ސިޔާސީ ބޭނުމަށް ދިވެހި އިގުތިސާދުގެ ލޭނާރުކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓްކޮށް އާއިލާތަކުގެ އާންމު ދިރިއުޅުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ. އަދާލަތު ޕާޓީން ބުނީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ އިގުތިސާދީ ހާލަތު މިއިން ޒަމާނަކު ނުދެކޭ މިންވަރަށް ފާގަތިވާނެ ކަމުގެ ދޮގު ވައުދުވެ، އޮޅުވާލާފައިވާ ކަމަށާއި ދިވެހި ދައުލަތުގެ ފިސްކަލް ސިޔާސަތު ވިއްސިވިހާލިވެފައިވާ ކަމަށެވެ. ހާރިޖީ ގުޅުންތައް މެނޭޖު ނުކުރެވި އަސާސީ އިގުތިސާދީ ހަމަތައް ހިފަހައްޓަން ނޭނގުމުގެ ސަބަބުން ބޭރުގެ ދަރަނި ނުދެއްކި ދިވެހި ދައުލަތް އިފްލާސްވުމާ ގާތަށް ގޮސް އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. އަދާލަތު ޕާޓީގެ ގަރާރުގައި ބުނީ އެކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތުމުން އިސްލާމު ދީނާއި ދިވެހި ގައުމުާއި ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރު ހަމަމަގަށް އަޅުވާ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ފެށުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން އިގުރާރުވާ ކަމަށެވެ.

މައުޟޫޢުތަށް