ކުއްޔަށް ދޫކުރި ޕާކިން ސްލޮޓްތައް އެންމެންނަށް ހުޅުވާލައިފި

އަވަސް

1 އޮކްޓޯބަރު 2025 | ބުދަ | 1:19

މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ ވެހިކަލް ޕާކްކުރަން ވިއްކި ތަންތަން ހުސްކޮށް އެ ތަންތަން އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ކަނޑައަޅައިފި އެވެ.

މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކް ކުރުމަށް ގިނަ އަދަދެއްގެ ޖާގަތައް ކުއްޔަށް ދޫކުރީ މާލޭގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ. އޭރު އެކަމާ ދެކޮޅަށް އާންމުންގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންގްއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ކައުންސިލް އިދާރާއަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މާލޭގެ މަގުތަކުގައި ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށްވެސް ޕާކް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް