އޮޑިޓަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދޭނަން: ނައިބް ރައީސް
އަވަސް
1 އޮކްޓޯބަރު 2025 | ބުދަ | 3:46
ރާއްޖޭގައި އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް" މިއަދު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބް ރައީސްގެ ވާހަކަފުޅުގައި އިންޓާނަލް އޮޑިޓަރުންގެ އޮނިގަނޑު އެކުލަވާލެވިފައިވާކަން ފާހަގަކުރައްވައި، ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަގީންކަން ދެއްވި އެވެ. ދައުލަތުގެ އޮޑިޓް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީ، އޮޑިޓަރުން ދޭ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރުމުގެ ނަތީޖާއަކަށް ވާނީ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަންކަމުގައި ވެގެންދިޔުން ކަމުގައިވެސް ވިދާޅުވި އެވެ. "އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އޮޑިޓަރުން އަދާކުރަނީވެސް ވަރަށް މުހިއްމު ދައުރެއް،" ނައިބް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިދާރާތަކުގައި އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެ ކަމުގައިވާނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވެގެންދާނެ ކަމަށެވެ. "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" މިޝިއާރުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔޭގައި ތަފާތު އީޖާދުތަކާއެކު، ކުރިން ދެނެނުގަނެވޭ ފަދަ ހިރާސްތަކާއި ގޮންޖެހުންތަކާ، އޮޑިޓް ކުރުމުގައިވެސް ކުރިމަތިލާންޖެހޭ ކަމަށާއި، މިފަދަ ކޮންފަރެންސްތަކަކީ އެކަމަށް އެޅިގެންދާ ހެޔޮ ފިޔަވަޅެއް ކަމަށެވެ. މިރަސްމިއްޔާތުގައި "އިންޓާނަލް އޮޑިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި" މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ "ރިސްކް މެނެޖްމަންޓް ފްރޭމްވާކް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތައާރަފްކުރެއްވި އެވެ.