މާލޭގައި 3،000 ހައުސިން ޔުނިޓް އަޅަނީ
އަވަސް
1 އޮކްޓޯބަރު 2025 | ބުދަ | 11:50
މާލެ ސިޓީގައި މަދުވެގެން 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިމަޝްރޫއު ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިރޭ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށްވާތީ މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި 3،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. "ރައްޔިތުން ބޭނުންވާ ގޮތަށް އަޅުގަނޑުގެ ވައުދުތައް ހުރިހާ ދާއިރާއަކުންވެސް ފުއްދާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކާއި، ފްލެޓްތަކަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި ހަވާލުކުރަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދާއިރާއިން އަލަށް ފަށާ މަޝްރޫއުތަކުން މާލޭއާއި، އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެފަދަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ. ދަރަނީގެ ހާލަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ އެތެރޭގެ މާކެޓުން ނަގާފައިވާ ދަރަނިތައް މިއަދުގެ ސަރުކާރުން ދައްކަމުން ދަނީ ފައިސާ ޗާޕުނުކޮށް ކަމަށެވެ. "އަޅުގަނޑު ރައްޔިތުންނަށްވީ ވައުދުތައް ހަނދާން އެބަހުރި. އެ ވައުދުތައް ކުރިއަށް އޮތް ތަނުގައިވެސް ފުއްދަމުންދާނަން،" ރައީސް ވިދާޅުވި އެވެ.