ދިވެހި ވަތަނީ ހިދުމަތް އިފްތިތާހްކޮށްފި

އަވަސް

1 އޮކްޓޯބަރު 2025 | ބުދަ | 8:00

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، ދިވެހި ވަތަނީ ހިދުމަތް މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ޅ. މާފިލާފުށީގައި ހުންނަ ދިވެހި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ގޮތުން ދިވެހި ވަތަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުރިހަމަ ތަރައްގީ ހާސިލްކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެން ކަމަށެވެ. "މީގެއިތުރުން ގައުމު ދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި އުމްރާނީ މަސައްކަތްތަކަށް ވުރެ މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ. ތަމްރީނުގެ ބައިވެރިންނަށް ރައީސް އިލްތިމާސް ކުރެއްވީ މި ތަމްރީނަކީ އެ ބައިވެރިންގެ މުސްތަގުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށް ދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ އުޅުންހުރި، ގައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހި ވަތަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު މި ފެށި ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތައުލީމު، ލީޑަޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ. އަދި ފަސްޓް އެއިޑް، ފަޔަ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ. ، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ދައުލަތުގެ އިއްޒަތްތެރިންނާއި، ވަޒީރުންނާއި، ސަރުކާރާއި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މައުޟޫޢުތަށް