ފްލޮޓިއްލާ މޫވްމަންޓާ ގުޅޭ ކުއްލި މައްސަލައެއް
އަވަސް
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:45
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރިއަށްދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓަށް އިޒްރޭލުން ހުރަސް އަޅަމުންދާ ދިޔުން ކުށްވެރިކޮށް މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ. މެންބަރު މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސް އަޅަމުންދާކަން ފާހަގަކޮށްފަ އެވެ. މި ގޮތުން އިޒްރޭލުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ބްލޮކްއޭޑް ނައްތާލުމަށާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅުވެރިކަން ދެއްކުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓްގެ ނަމުގައި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާތަކަށް ނިސްބަތްވާ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި ބޭހުގެ ސާމާނާއި ޒަރޫރީ ތަކެތި ހިމެނޭހެން އިންސާނީ އެހީ ހުރި ބޯޓުތައް ޣައްޒާގެ ސަރަހައްދަށް އެތެރެވުމަށް މަަސައްކަތް ކުރަމުންދާއިރު މި ފްލީޓްގައި ދިވެހިން ތިބިކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. ކުއްލި މައްސަލައިގައި ވަނީ އިޒްރޭލުން ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާއިރު އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ފަރާތްތަކުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުންނާއި އެ މޫވްމަންޓްގައި ހިމެނޭ ދިވެހިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހި ސަރުކާރަށް ކުރެވެން ހުރި ކަންކަން ދެނެގަނެ ދިވެހި ދައުލަތުގެ ފަރާތުން އެ މޫވްމަންޓްގައި ބައިވެރިވުމަށް ގޮވާލާފަ އެވެ.