ފްލޮޓިއްލާގެ ބޯޓުތައް ހިފެހެއްޓުން ކުށްވެރިކުރައްވައިފި
އަވަސް
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:37
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރާ ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އިޒްރޭލުން ހުރަސްއެޅުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.
އިޒްރޭލުގެ އަމަލު ކުށްވެރި ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި ދަތުރުކުރަމުން ދިޔައީ އިންސާނީ އެހީގެ ސަމާނު ހިފައިގެން ކަމަށާއި އެ ބޯޓުތަކުގައި ތިބީ ހަތިޔާރު ނެތް، އާންމުން ކަމަށެވެ. އެ ބޯޓުތައް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓާ ބިރުދެއްކުން ބަލައިނުގަނަވޭނެ ކަމަށާއި ހާލުގައި ޖެހި އަސާސީ ހައްގުތަކުން މަހްރޫމްވެފައި ތިބި ބަޔަކަށް އިންސާނީ އެހީ ހިފައިގެންދާ ބަޔަކަށް ހުރަސް އެޅުމަކީ އިންސާނިއްޔަތާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފްކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވަނީ އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވާފަ އެވެ. ރައީސް ވަނީ ދިވެހިން އަބަދުވެސް ތިބެނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް އިންސާފު ހޯދައި ސުލްހައާއި ސަލާމަތްތެރި ކަމަށްކުރާ މަސައްކަތުގައި އެކުގައި ކަމަށް ވިދާޅުވެފަ އެވެ. ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުންދާ ބޯޓުތަކެކެވެ. މި ބޯޓުތަކަށް އިޒްރޭލުން ވަނީ ހުރަސް އަޅައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.