އެޗްއާރުސީއެމްގެ މެންބަރު ކަމަށް ރަމީލާގެ ނަން މަޖިލީހަށް

އަވަސް

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:00

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެޗްއާރުސީއެމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ގައި ހަމަވާތީ އެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން އިއުލާނުކުރުމުން އެ ކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރަމީލާގެ ނަން ދިރާސާކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރަމީލާ ގައުމީ ހިދުމަތް ފެއްޓެވީ ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު އެވެ.

މައުޟޫޢުތަށް