ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު އަތުވީ އިގުތިސާދީ ހުސް ތޮށިގަނޑު: ޝިޔާމް
އަވަސް
3 އޮކްޓޯބަރު 2025 | ހުކުރު | 3:23
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތުވީ އިގުތިސާދީ ހުސް ތޮށިގަނޑު ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވައްކަން ކުރި ކަމަށާއި ވައްކަން ނުކުރާ އެއްވެސް ދިމާލެއް އޭރު ނެތް ކަމަށެވެ. "ކޮވިޑުގެ ބަލިމަޑުކަންވެސް ވީ ވައްކަންކުރަން ލިބުނު ރަނުގެ ފުރުސަތަކަށް. ވެންޓިލޭޓަރުން ކުރީ ވައްކަން. އެޅި ކޮވިޑް ފެސިލިޓީތަކުން ކުރީ ވައްކަން. ފެސިލިޓީތަކަށް ކޭޓާ ކުރުމުގައިވެސް ކުރީ ވައްކަން. އެންމެ ކުޑަމިނުން މާސްކުންވެސް ކުރީ ވައްކަން. މަގު ހެދުމުން ކުރީ ވައްކަން. ހޮސްޕިޓަލްތައް އެޅުމުގެ ނަމުގައި ކުރީ ވައްކަން. ކުނި މެނޭޖްކުރާ ސެންޓަރުތައް ހެދުމުގެ ނަމުގައި ކުރީ ވައްކަން. މިހެންގޮސް ކިޔާނެ ކަމެއް ނެތް، ވައްކަން ނުކުރާ ހަމަ އެއްވެސް ދިމާލެއް އޭރަކު ނެތް. ފެނަކައިން އޭރު ކުރަމުން ދިޔަ ވައްކަންތައް ފިއްކަނޑައިގެންދާވަރު،" ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ދެ ފަހަރެއްގެ މަތިން އެ މައްސަލަތައް ބަލަން މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަން މަޖިލިސް ތެރެއިން ހުއްޓުވައި އޭސީސީގެ މެންބަރުން ބަދަލުކުރި ކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުން އެކަނި 64 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު ވެރިކަން ނިންމާލީ މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދައްކާ އޮވެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ދިވެހި ވިޔަފާރިތަކަށް އަށް ބިލިއަން ރުފިޔާ ދައްކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު މިއަދު ބޮޑުވީ އޭރު ފައިސާ ޗާޕުކުރުމުގެ ސަބަބުންނެވެ. "ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތުވީ އިގުތިސާދީ ހުސް ތޮށިގަނޑެއް،" ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ފައިސާ ޗާޕްނުކޮށް މިހާލަތުން އަރައިގަނެ ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިޔަށްދާ ތަން ބަލަން ވާދަވެރިންނަށް ކެތްނުވާ ކަމަށާއި މިއަދު އެމްޑީޕީން ކުރިޔަށްގެންދާ މުޒާހަރާއަކީ ގޮތް ހުސްވެގެން ގައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަގުސަދެއް ހާސިލްކުރަން ބާއްވާ ހަރަކާތެއް ކަމަށެވެ.