ވެހިކަލްއަށް އެންމެ ރައްކާތެރީ ކޮން ގޮތެއް؟
އަވަސް
3 އޮކްޓޯބަރު 2025 | ހުކުރު | 4:39
އެއްގަމު އުޅަނދެއް އޮތުމަކީ ހަމައެކަނި ފަސޭހައެއް ނޫނެވެ. ފަސޭހައާއެކު، ބޮޑު ޒިންމާއެއް ވެސް މީގައި ހިމެނެއެވެ. ސައިކަލެއް ނުވަތަ ކާރެއް ވިޔަސް، ގިނަ ގައުމުތަކުގައި މޮޓޯ އިންޝުއަރަންސެއް އޮތުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެކެވެ. ދިވެހިރާއްޖޭގައި ކޮންމެ އެއްގަމު އުޅަނދަކަށް ތާޑް-ޕާޓީ ޕްލޭނެއް އޮންނަން ޖެހެއެވެ. ނިސްބަތުން އަގުހެޔޮ، "ލިމިޓެޑް" ޕްލޭނެކެވެ.
ވަރަށް ގިނަ މީހުން ކުރާ ޝަކުވާއެކެވެ. ގާނޫނުން ލާޒިމުކުރާ ތާޑް-ޕާޓީ ޕްލޭނެއް ގަނެފައި އޮތަކަސް، ސައިކަލު އެކްސިޑެންޓުވެގެން ތިމަންނާއަށް ވާ ފައިދާއެއް ނެތެވެ. ހަގީގަތުގައި، ތާޑް-ޕާޓީ ޕްލޭނުގެ ނަމުން ވެސް ދޭހަވާނެ ފަދައިން، މި ޕްލޭނުން މިއިން ބަދަލު ލިބޭނީ ތިމާގެ އުޅަނދުގެ ސަބަބުން ތިންވަނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތެއްގެ މުދަލަކަށް ލިބޭ ގެއްލުންތަކަށެވެ. މިސާލަކަށް، ތިމާގެ އުޅަނދުން ޖެހި އެހެން މީހެއްގެ އުޅަނދަކަށް ލިބޭ ގެއްލުން، އެހެން އުޅަނދެއްގެ ދުއްވަން ހުރި މީހަކާއި އޭގެ ފަސިންޖަރަކަށް ވާ އަނިޔާ، ނުވަތަ މަގު ހިނގާ މީހަކަށް ވާ ހާނީއްކައަށް ދޭ މާލީ ބަދަލެވެ. އެހެން ނަމަވެސް މި ޕްލޭނުން ތިމާގެ އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތައް ކަވަރެއް ނުކުރެއެވެ. އެހެންވީމާ ތިމާގެ އަމިއްލަ އުޅަނދު ރައްކާތެރި ކުރާނީ ކިހިނެއް ހެއްޔެވެ؟ މޮޓޯ ޕްލޭނުތަކުގެ ދެވަނަ ބާވަތެއް ވެސް ވެއެވެ. އެއީ ތިންވަނަ ފަރާތްތަކަށް ލިބޭ ގެއްލުމުގެ އިތުރުން، އަމިއްލަ އުޅަނދަށާއި ޖާނަށް ވާ ގެއްލުންތަކަށް ވެސް ކަވަރޭޖު ލިބޭ، ކޮމްޕްރެހެންސިވް ޕްލޭނެވެ. އުޅަނދާ ގުޅިގެން ސިކުނޑިއަށް އެންމެ ފަސޭހަކަން ގެނެސްދޭނެ ޕްލޭނަކީ މިއީ އެވެ. މިސާލަކަށް، އެކްސިޑެންޓެއް ވެގެން އުޅަނދަށް ލިބޭ ގެއްލުންތައް (އެއީ ތިމާގެ އަމިއްލަ ގޯހަކުން ވީ ކަމެއް ކަމުގައި ވިޔަސް)، އަލިފާނުގެ ހާދިސާއެއްގައި އުޅަނދަށް ވާ ގެއްލުންތައް، އަދި ގުދުރަތީ ކާރިސާއެއްގެ ސަބަބުން ވާ ގެއްލުންތަކަށް ވެސް މި ކަވަރޭޖުން ބަދަލު ލިބޭނެއެވެ. މީގެ އިތުރުން މި ޕްލޭނަށް "އެޑް-އޮން"އެއްގެ ގޮތުގައި، ސައިކަލު ވަގަށް ނަގައިފި ނަމަ އެގެ ބަދަލު ވެސް ހޯދޭ ފަދަ "ތެފްޓް ކަވަރ"އެއް ވެސް ބައްލަވައިގަނެވޭނެ އެވެ. ކޮމްޕެހެންސިވް މޮޓޯ ޕްލޭނެއްގެ އަގު، ތާޑް-ޕާޓީ މޮޓޯ ޕްލޭނަކަށް ވުރެ ބޮޑުވި ނަމަވެސް ކަވަރޭޖު ވަރަށް ފުޅާވެފައި، ތިމާގެ އުޅަނދަށް ފޯރުކޮށްދޭ އިތުބާރު ވެސް ބޮޑެވެ. ތިމާގެ އުޅަނދަށް އެންމެ ރަނގަޅު އަދި އެކަށޭނަ ޕްލޭނެއް ޙިޔާރުކުރާ އިރު އުޅަނދުގެ އަގާއި، އަދި އުޅަނދު ބޭނުންކުރާ މިންވަރާއި ބޭނުންކުރަންޖެހޭ މާޙައުލަށް ވިސްނާލުން ބުއްދިވެރިއެވެ. އާ އުޅަނދެއް ވެއްޖެ ނަމަ އޭގެ އާކަމާއި ރީތިކަމަށް އިތުރަށް ފަރުވާ ބަހައްޓަން ބޭނުންވާނެކަން ޔަގީނެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ވެސް ހަލަބޮލި މަގުތަކުގެ ތެރެއިން ދުއްވާނަމަ އެކްސިޑެންޓަކާ ކުރިމަތިވުމުގެ ފުރުސަތު ވެސް ބޮޑެވެ. އިންޝުއަރަންސް ނުވަތަ ތަކާފުލް ހަމައެކަނި ލިޔެކިޔުންތަކެއް ނޫނެވެ. އެއީ ސިކުނޑިއަށް ލިއްބައިދޭ ހަމަޖެހުމެއް ވެސް މެއެވެ. އުޅަނދަށް ތިޔަ ހޯއްދަވަނީ ޖީބަށް ލުއި ރައްކާތެރިކަމެއް ނުވަތަ ފުރިހަމަ ފުޅާ ކަވަރޭޖެއް ކަމުގައި ވިޔަސް، މިކަންކަމާ މެދު ވިސްނާލައްވާށެވެ. ކުއްލިއަކަށް ދިމާވާ ޙާދިސާއަކާ ހެދި ގޮތް ހުސްވުމަށް ވުރެ އެންމެ ބުއްދިވެރީ ތައްޔާރުވުމެވެ. ރައްކާތެރިކޮށް މަގުގައި ދުއްވޭނީ އެކަމަށް ފުރިހަމައަށް ތައްޔާރު ވެސް ވެގެންނެވެ.