އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރި ހަރަކާތެއް ނޫން: އިހްސާން

އަވަސް

4 އޮކްޓޯބަރު 2025 | ހޮނިހިރު | 2:38

އެމްޑީޕީގެ މުޒާހަރާ އަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ އެމްޑީޕީގެ މިރޭގެ މުޒާހަރާ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލުމަށްފަހު ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިން ގެންދިއުމާ ގުޅިގެންނެވެ. ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުން ކަމަށް ވިދާޅުވި އެވެ. އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދާ އެއްވުމުގެ ބައިވެރިން އާޓިފިޝަލް ބީޗަށް އެއްވުމަށްފަހު ކުއްލިއަކަށް މަޖީދީ މަގަށް ނިކުމެ އެ މަގުން ހުޅަނގަށް ކުރިއަށް ދިއުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެއީ މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ މަގަކަށް ނުވާތީ ފުލުހުން ވަނީ އެ މަގުން ކުރިއަށް ނުދެވޭ ގޮތަށް މަގު ބަންދުކޮށްފަ އެވެ. ފުލުހުންނާ ކުރިމަތިލައި ގާނޫނީ ވާޖިބަށް ހުރަސްއެޅި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފަ އެވެ.

މައުޟޫޢުތަށް