އިހްސާން ހަދަނީ ކަނޑައެޅިގެން ދޮގު: އެމްޑީޕީ

އަވަސް

3 އޮކްޓޯބަރު 2025 | ހުކުރު | 11:55

އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވުމާ ގުޅިގެން އެމްޑީޕީން ރައްދު ދީފި އެވެ.

އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް އިހްސާން ވިދާޅުވީ މުޒާހަރާ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލުމަށްފަހު ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިއަކު ގެންދާ ވީޑިއޯއަކާ އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު އިހްސާން ވިދާޅުވީ ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުން ކަމަށް ވިދާޅުވި އެވެ. އިހްސާންގެ ޕޯސްޓަށް ރައްދުދެމުން އެމްޑީޕީން ބުނީ އިހުސާންގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެމްޑީޕީ ކުށްވެރިކޮށް އިހްސާން ވާހަކަދެއްކެވީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގި އަނިޔާވެރި އަމަލުތައް ފޮރުވުމަށް ކަމަށްވެސް ބުންޏެވެ. އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށްވެސް އެމްޑީޕީން ބުންޏެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާފަ އެވެ. މުޒާހަރާ ނިންމާލަންދެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. އެމްޑީޕީގެ މިރޭގެ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ފުލުހުންވެސް ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް