އެމްޑީޕީ ހިންގީ ޓެރަރިޒަމްގެ އަމަލެއް: ނައިބް ރައީސް
އަވަސް
4 އޮކްޓޯބަރު 2025 | ހޮނިހިރު | 8:42
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ސިފަކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބް ރައީސް ހުސައިން ވިދާޅުވީ ސުލްހަވެރި އިހްތިޖާޖެއްގެ ނަމުގައި ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބް ރައީސް ވިދާޅުވި އެވެ. ހުސައިން ވިދާޅުވީ އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށަހެޅުމަކީ އެމްޑީޕީގެ ލީޑަޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ. ރޭގެ މުޒާހަރާ އަކީ އެމްޑީޕީން ވަކާލާތު ކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ. " ހަމަ މި މިނޭވާގައި މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން،" ނައިބް ރައީސް ވިދާޅުވި އެވެ.