ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

އަވަސް

5 އޮކްޓޯބަރު 2025 | އާދިއްތަ | 12:13

ތިނަދޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ތިނަދޫ އާބާދީ ހިނގުމުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 6:16 ހާއިރު އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި މަގު ހުރަސްކުރި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖާއަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ. އަދި އެކްސިޑެންޓްވުމުން މަޑުނުކޮށް އޭނާ ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ސައިކަލު ދުއްވި 21 އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެކްސިޑެންޓްވި ސައިކަލު ޓޯކޮށް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް