އައްޑޫގެ ވަކި ރަށްތަކުގައި ކައުންސިލްތައް ހެދުމަށް ވޯޓަށް އެހުން މިމަހު
އަވަސް
5 އޮކްޓޯބަރު 2025 | އާދިއްތަ | 8:00
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ދެނެގަތުމަށްޓަކައި އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭ ގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް ބުނެ އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުއްވި މައްސަލައަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ. އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ހިޔާލު ހުރި ގޮތް ދެނެގަތުމަށްޓަކައި އާންމު ވޯޓު ނަގާނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ މި ގާނޫނު މިދިޔަ މަހު ފާސްކުރި ފަހުން މިފަދަ ވޯޓެއް ނަގާ ފުރަތަމަ ފަހަރެވެ. ވަޒީރުންގެ މަޖިލީހުން ވަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވޯޓުގައި ހިމެނުމަށް ނިންމަވާފަ އެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފްތާ ބަންދުގެ ތެރެއިން ދުވަހެއް ގައެވެ. މީގެއިތުރުން އާންމު ވޯޓުގެ ކުރިން ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހްތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގޭ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިސާސާ ގުޅޭ މަސައްކަތްތައް ފެށުމަށްވެސް ވަނީ ނިންމަވާފަ އެވެ.