އައްޑޫ ވޯޓުގައި ސަރުކާރުގެ ވަކި ނިންމުމެއް ނެތް: ރައީސް
އަވަސް
5 އޮކްޓޯބަރު 2025 | އާދިއްތަ | 10:00
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އާންމު ވޯޓުގައި ސަރުކާރުގެ ވަކި ނިންމުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ހިނގާ އޮކްޓޫބަރު މަހު ކުރިއަށް ގެންދާ މި ވޯޓުގައި ސަރުކާރުން އިހްތިޔާރުކުރާ ވަކި ނަތީޖާއެއްވެސް ނެތް ކަމަށެވެ. ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒު ކުރާނޭ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާ ބެހޭ ގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވާފަ އެވެ. އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެ އެވެ.