ވަޒީރުންގެ މާލީ ބަޔާން ވަކި މުއްދަތެއްގައި ހުށަހެޅުން ލާޒިމުކުރާ އިސްލާހެއް
އަވަސް
6 އޮކްޓޯބަރު 2025 | ހޯމަ | 7:57
ކެބިނެޓްގެ ވަޒީރުންގެ މާލީ ބަޔާން ވަކި މުއްދަތެއްގައި ހުށަހެޅުން ލާޒިމުކުރަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ވަނީ ލާޒިމުކޮށްފަ އެވެ. އެ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާޢި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމުވި ނަމަވެސް މި ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީހެއް ކަނޑައަޅާފައިނުވެ އެވެ. މެންބަރު ހުށަހެޅުއްވި އިސްލާހުގައިވާ އަހަރަކީ ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހެވެ. އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން ރައްޔިތުންގެ މަޖިލީހާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. އެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޑަށް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އިސްލާހުގައި ވަނީ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅައިފިނަމަ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑުމަށް ހިމަނާފަ އެވެ. މީގެ އިތުރުން ވަޒީރުން މަގާމާ ހަވާލުވިއިރު އޭނާގަށް ލިބިފައިވާ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާޢި އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާޏެއް މަގާމާ ހަވާޅުވާ ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހާޢި އޮޑިޓާ ޖެނެރަލަށް ހުށަހެޅުމަށްވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. މި ބަޔާންތައް އޮޑިޓާ ޖެނެރަލް އާންމުކޮށް ޝާއިއުކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.