އައިނު ފިހާރަ ހިންގަން އަހަރަކު ތިން މިލިއަން ރުފިޔާ ހަރަދުވޭ
އަވަސް
6 އޮކްޓޯބަރު 2025 | ހޯމަ | 9:44
ސަރުކާރުގެ އައިނު ފިހާރަ ހިންގުމަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ސަރުކާރުގެ އައިނު ފިހާރައާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ. މެންބަރު ވަނީ އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރި ކުރަން ނިންމީ ކީއްވެތޯ އާއި އައިނު ފިހާރަ ހިންގަން ފަށަށް ހަރަދުވި އަދަދާއި އަހަރެއްގެ މައްޗަށް ވިޔަފާރި ހިންގަން ހިނގާނެ ހަރަދާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. އެ ސުވާލުތަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތްދޭ ތަން ހެދުމަށާއި އެތަނަށް ބޭނުންވާ ސާމާނު ގަތުމަށް 2،066،885.24 ރުފިޔާ ހަރަދުވި ކަމަށެވެ. އަދި އައިނު ފިހާރައިގެ ރިކަރަންޓް ހަރަދަށް އަހަރަކު 3،456،212.67 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ ސަރުކާރުގެ އައިނު ފިހާރައަކީ ވިޔަފާރި އުސޫލުންކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އަމިއްލަ އޮޕްޓިކަލްތަކުން ފޯރުކޮށްދޭ އައިނުގެ ހިދުމަތް ހޯދުމަކީ މާލީ ބުރައެއް ކަމަށް ވިދާޅުވި އެވެ. "ސަރުކާރަށް ދެނެގަނެވުނީ އަމިއްލަ އޮޕްޓިކަލްތަކުން ފޯރުކޮށްދޭ އައިނުގެ ހިދުމަތް ހޯދުުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ،" ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ ނަންބަރު އައިނު ހެއްދުމަށް ކޮންމެ ދެ އަހަރަކުން އެއް ފަހަރު އާސަންދައިން ކަވަރުކުރާ އަދަދަށްވުރެ އިތުރަށް ރައްޔިތުންގެ ޖީބުން އެތައް ހާސް ރުފިޔާއެއް އައިނު ހެއްދުމަށް ހަރަދުކުރަންޖެހޭ ކަމަށެވެ. އައިޖީއެމްއެޗްގައި އޮޕްޓީކަލްގެ ހިދުމަތް ގާއިމުކޮށްގެން ހިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ ހިދުމަތް ހަމަޖައްސައިދިނުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތް ދިނުމަށް ރޭވިފައިވަނީ ލޮލުގެ ފެނުން ޓެސްޓް ކުރުމާއި ގްލޮކޮމާ ފަދަ ބަލިތައް އަވަހަށް ދެނެގަތުމާއި އިން ހައުސްކޮށް ލެންސް އުފެއްދުން ފަދަ ހިދުމަތްތައް ދެވޭ ގޮތަށްކަން ނާޒިމް ފާހަގަކުރެއްވި އެވެ.