އެލްއާރްއޭޑީ ބޭނުންކުރުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 10:09

އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުން ސޮނިކް ވެޕަން -- ލޯންގް ރޭޖް އެކޮސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. މި ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ އެމްޑީޕީގެ އެއްވުމަށް ހުރަސް އެޅުމަށްޓަކައި ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެއްވުމުގެ ސުލްހަވެރިކަން ގެއްލުވައިލުމަށްޓަކައި މަސައްކަތްކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން އެކި ފަހަރު މަތިންކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. "މުޒާހަރާ ރޫޅާލުމުގެ ބޭނުމަށް ގަޑިއެއްހާއިރު މެދުކެނޑުމެއްނެތި ބާރުއަޑު އިއްވާ ހަތިޔާރެއް ބޭނުންކުރިކަން ފާހަގަވާ ހިނދު،" މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. ކުއްލި މައްސަލައިގައި ބުނީ އެލްއާރްއޭޑީގެ ސަބަބުން ފެންނަ ގޮތަކަށް ލިބޭ އަނިޔާއެއް ނެތް ނަމަވެސް ނަފުސާނީ ގޮތުންނާއި މީހުންގެ އަޑު އިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑު ކަމަށާއި އެ ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރުވުމުގެ ފުރުސަތު އޮތް ކަމަށް ބޭރުގެ ސިއްހީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ ކަމަށެވެ. މި ހަތިޔާރު ހުއްޓުމެއް ނެތި އެ ތަނުގައި ބޭނުންކުރުމުގެ ސަބަބުން އެއްވުމުގެ ބައިވެރިންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަންފަތަށް ތަދުވުމާއި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން ފަދަ މައްސަލަތައް ދިމާވެ ކުޑަކުދިންނަށް ނަފުސާނީ ގޮތުން އުނދަގޫވެގެން ފަރުވާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ހަދާފައިވީ ނަމަވެސް އެލްއާރްއޭޑީ ބޭނުންކުރާނެ ގޮތް ފުލުހުން އާންމުކޮށްފައި ނެތުމަކީ "އެއްވެސް ހަމައެއް ލަމައެއް ނެތި" ރައްޔިތުންނާ ދެކޮޅަށް އޭގެ ބޭނުން ކުރުމަށް ފުރުސަތު ލިބިގެންދާ ކަމެއް ކަމަށްވާތީ ކަންބޮޑުވާ ކަމަށެވެ. އެ ހަތިޔާރުގެ ބޭނުން ފުލުހުން ކޮށްފައިވަނީ އެ ހަތިޔާރު ބޭނުން ކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލު އާންމުނުކޮށް ކަމުގައިވާތީ ފުލުހުން އެ ހަތިޔާރު ބޭނުންކުރީ ގާނޫނާ ހިލާފަށްކަން ހާމަވާ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. ކުއްލި މައްސަލައިގައި ވަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މިކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށެވެ.

މައުޟޫޢުތަށް