މާލެ ސިޓީގެ ލޭންޑްޔޫޒް ޕްލޭން އަލުން އެކުލަވާލަނީ
އަވަސް
6 އޮކްޓޯބަރު 2025 | ހޯމަ | 10:29
މާލެ ސިޓީގެ ލޭންޑްޔޫޒް ޕްލޭން އަލުން އެކުލަވާލުމަށް ބާއްވާ ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުން އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މާލެ ސިޓީގެ ލޭންޑްޔޫޒް ޕްލޭން އަލުން އެކުލަވާލުމަށް، މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 207 ވަނަ ރަސްމީ އާއްމު ޖަލްސާގައިވަނީ ނިންމާފަ އެވެ. ލޭންޑްޔޫޒް ޕްލޭން ރިވައިޒް ކުރުން ނިންމުމާއެކު ބާއްވާ ފުރަތަމަ ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. މިގޮތުން، އެންޖީއޯ، ސީއެސްއޯތަކާއި، މިކަމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވެ އެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިހާރު އެކުލަވާލެވޭ ލޭންޑްޔޫޒް ޕްލޭންއަކީ ކުރުރާސްތާ އަދި މެދުރާސްތާ އަށް އަމާޒުކޮށް ތައްޔާރުކުރެވޭ ޕްލޭންއެކެވެ. މީގެ އިތުރުން، ދިގު މުއްދަތަށް މާލެ ސިޓީގެ ތަރައްގީގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 08:45 އިން ހަވީރު 4:00 އަށް މާލެ ސިޓީ ކައުންސިލް ހޯލްގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 8 ވާ ބުދަ ދުވަހުގެ ކުރިން ރަޖިސްޓާވާން ޖެހެ އެވެ.