ނެޝަނަލް ޑްރަގް ޕްލިސީ ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ
އަވަސް
6 އޮކްޓޯބަރު 2025 | ހޯމަ | 11:25
މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ. މެންބަރުގެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އިހްސާން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމަށް ޔޫއެން އާއެކު މަސައްކަތް ކުރެވި އިނީޝިއަލް ޑްރާފްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއް ކަމަށްވާތީ މިހާރު ކުރިއަށްދަނީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް ހާލަތާއި ބޭނުންކުރާ ބާވަތްތަކަށް ރިއާޔަތްކޮށް އެ ޕޮލިސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް އިހްސާން ވިދާޅުވި އެވެ. އެ ގޮތުން ރަށްރަށުގައި ހުރި ފުލުހުންގެ މަރުކަޒުތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުންދާ ކަމަށާއި ނޮވެމްބަރު 30 ގެ ކުރިން ނެޝަނަލް ޑްރަގް ޕްލިސީ ފައިނަލް ކުރުމަށް ޓާގެޓްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.