ދިގުރަށު ރައްޔިތުން އެދޭ ގޮތަށް ގޯތީގެ މައްސަލަ ހައްލުކޮށްދެނީ

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 7:21

އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދިގުރަށު ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެކަމަށް ހެދިފައިވާ އުސޫލަކީ، އެންމެ ފުރިހަމައަށް ހެދިފައިވާ އެއްޗެއްނޫން ކަމަށެވެ. މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރުކުރަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުސޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިއުލާން ކުރެވިގެންދާ ގޮތަށް އުޞޫލް ބައްޓަންކޮށް، ހައުސިން މިނިސްޓްރީން ކައުންސިލަށް އުސޫލު ފޮނުވުމުން އެ އުސޫލު ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ފައިނަލް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފަ އެވެ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެންމެ ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އަޅައިދިނުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. ދިގުރަށުގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށުގެ މަގުހެދުމުގެ މަޝްރޫޢާއި ސްކޫލްގެ އާ އިމަރާތް ބިނާކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

މައުޟޫޢުތަށް