އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް ނޮވެންބަރުގައި ފަށަނީ

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 7:29

އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތް، އަންނަ ނޮވެންބަރު މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ދިއްދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ދިއްދޫ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރިތަނުގެ ގޮތުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތައް ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން ރަށުގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި ބެހޭގޮތުން ރައްޔިތުން ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ހިޔާލުފުޅުތަކަށް ރިއާޔަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގިނަ ދުވަސްވެފައިވާ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ނޮވެންބަރުމަހު މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.

މައުޟޫޢުތަށް