ހުއްޓިފައިވާ ނަރުދަމާ މަޝްރޫއުތައް އަލުން ފެށޭނެ އިންތިޒާމު ހަމަޖައްސަނީ
އަވަސް
6 އޮކްޓޯބަރު 2025 | ހޯމަ | 7:56
ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫއުތައް އަލުން ފެށޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެންފުށީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ހުއްޓުމަކަށް އައިސްފައިވާ ފެންފުށީގެ ނަރުދަމާގެ މަޝްރޫއަށް އިޝާރާތްކުރާ ރައީސް ވަނީ މިއީ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާފަ އެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ މި މަސައްކަތްތައް މި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބާރު އަޅައިގެންވެސް އަލުން ފަށާފައި ނުވާތީ ސަރުކާރުން މިހާރު ނިންމަވާފައި ވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް އެހެން ގޮތަކުން މަޝްރޫއުތައް ކުރިއަށްގެންދެވުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ވަނީ ދެއްވާފަ އެވެ. މީގެ އިތުރުން މަޑުޖެހިފައިވާ އެ ރަށުގެ ސްކޫލްގެ މަސައްކަތްވެސް އަލުން ފައްޓަވައި، އަންނަ ދިރާސީ އަހަރަށް އެ އިމާރާތް ބޭނުންކުރެވޭ ގޮތަށް މަސައްކަތް ނިމޭނޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވަނީ ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި ހިމެނިގެން ފެންފުށީގެ ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތާއި، ފެންފުށީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތާއި، ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގެ ވަށައިގެން ޓްރެކެއް ހެދުމުގެ އަމަލީ މަސައްކަތާއި، ވޮލީކޯޓު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި މިއަދު ފެންފުށީގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްވެސް އިފްތިތާހުކޮށްފަ އެވެ.