ހެލްތު ސެންޓަރުތަކަށް ލުއި އިންތިޒާމެއް ހަމަޖައްސަނީ

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 11:00

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން، ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުއާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އދ. މާމިގިއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މާމިގިލީ ބަނދަރު ސަރަޙައްދުގައި މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިންތިޒާމު ހަމަޖެހުމާއެކު، މަސައްކަތުގެ މާހައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބޭނޭކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުއާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލްތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭ ކަމަށެވެ. "އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިފަސޭހަ ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެންމެ އާންމު ހުށަހެޅުމެއްގެ ގޮތުގައި އިވިވަޑައިގަންނަވާ އެއް ހުށަހެޅުން ކަމުގައިވާ، ދަތުރު ދާން ހާއްސަ ރަށެއް ހަމަޖެހިގެން ދިއުމަށް ރައްޔިތުން އެދިލައްވާ އެދިލެއްވުމާ ގުޅޭ، އުއްމީދީ ހަބަރެއް ދެއްވާފަ އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ދަތުރުދިއުމަށް ހާއްސަ ރަށެއް ކަނޑައެޅިގެންދާނޭ ކަމަށާއި އެ ރަށް ވެގެންދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނޭ ރަށަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިކަމަށް ބޭނުންވާ ކަރުދާހެއް ތައްޔާރުކުރައްވައި، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތްތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މައުޟޫޢުތަށް